ޔަހޫދީންގެ އުދުވާން އަލުން ފަށައިފިނަމަ އިޒްރޭލަށް ހަމަލާ ދޭން ފަށާނެކަމުގެ އިންޒާރު ހޫތީން ދީފި

ޔަހޫދީންގެ އުދުވާން އަލުން ފަށައިފިނަމަ އިޒްރޭލަށް ހަމަލާ ދޭން ފަށާނެކަމުގެ އިންޒާރު ހޫތީން ދީފި

ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތް، ހޫތީން، އިޒްރޭލްގެ ޣައްޒާގެ އުދުވާން އަލުން ފެށިއްޖެނަމަ ޒަޔަނިސްޓުންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައި މިވަނީ ޣައްޒާގެ ހަނގުރާމަ މެދުކަނޑާލުމަށް ކުރެވިފައިވާ އެއްބަސްވުން ރޫޅާލުމަށް އިޒްރޭލުން ވިސްނަމުންދާކަން ހާމަކުރުމާ ގުޅިގެންނެވެ.

ފާއިތުވި އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގައި ފެށި އުދުވާނީ ހަމަލާތައް މެދުކަނޑާލުމަށް ހަމާސްއާއި އިޒްރޭލާ ދެމެދު އެއްބަސްވުމަކަށް އާދެވުނީ މިއަހަރުގެ ޖަނަވަރީ 19 ގައެވެ. މި އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 61,700 މީހުން ޝަހީދުވެ، 111,000 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެކަމުގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ތިންބައިކުޅަ ދެބައި ވަނީ ހަލާކުވެ ބިމާއި އެއްވަރުވެފައި ކަމަށް އދ. އިން ބުނެފައިވެއެވެ.

ޣައްޒާގެ ހަނގުރާމަ ފެށުމާއެކު، ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ހޫތީން ވަނީ ރަތު ކަނޑުންނާއި، އަދަން ކަނޑާއި، ބާބް އަލް-މަންދަބް ކަނޑު އަދި އިންޑިއާ ކަނޑުން ދަތުރުކުރާ އިޒްރޭލާ ގުޅުންހުރި އުޅަނދުފަހަރަށް ހަމަލާދޭން ފަށާފައެވެ. މީގެ އިތުރުން އިޒްރޭލްގެ މަދަދުގާރު ޤައުމުތައް ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އުޅަނދުފަހަރަށްވެސް ހަމަލާދީފައިވެއެވެ. މިގޮތުން 100 އަށްވުރެ ގިނަ އުޅަނދަށް ހަމަލާދީ، ދެ އުޅަނދު ވަނީ ފައްތާލާފައެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ ހަނގުރާމަ އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބުނުމާ ގުޅިގެން، ހޫތީން ވަނީ އެފަދަ ކަމެއް ކޮށްފިނަމަ އަނެއްކާވެސް އިޒްރޭލަށް ހަމަލާދޭނެކަމުގެ ހަރުކަށި އިންޒާރެއް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *