މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ދެ މަޤާމަކަށް މެންބަރުން ހޮވުމަށް ބައި-އިލެކްޝަނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން އިއްޔެ އިއުލާނު ކޮށްފިއެވެ. މި ގޮތުން ހުސްވެފައިވާ މަޤާމުތަކަކީ އާންމު މެންބަރެއްގެ މަޤާމާއި މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަޤާމެވެ. މީޑިއާތައް ތަމްސީލުކުރާ މެންބަރުގެ މަޤާމު ހުސްވާނީ މި އަހަރުގެ އެޕްރީލް 28 ވަނަ ދުވަހުގައި ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި ދެ މަޤާމަށް މެންބަރުން އިންތިޚާބު ކުރެވޭނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އާންމު މެންބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތްނުކުރާ ފަރާތްތަކަށެވެ. އަދި ކައުންސިލްގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.
މީޑިއާ ކައުންސިލްގެ މެންބަރުންގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ލާޒިމްވެއެވެ.
އާންމު މެންބަރުން ހޮވުމުގައި، ޤާނޫނީ ދާއިރާ، ދިވެހިބަހުގެ ދާއިރާ، އިންސާނީ ޙައްޤުތަކުގެ ދާއިރާ ނުވަތަ ދީނީ އިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.