މި އަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފައެވެ. މި ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.
ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތުން، ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ އެ ރަށެއްގެ ސްކޫލުގައެވެ. އަދި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލެވޭނީ މާފަންނު މަދަރުސާގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށެވެ.
މިއަދުގެ ބައި-އިލެކްޝަންތަކުގައި ވޯޓުލެވެނީ ހދ. މަކުނުދޫ ކައުންސިލް މެންބަރުކަމަށާއި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށެވެ. މީގެއިތުރުން، ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކަށްވެސް މިއަދު ވޯޓުލެވެއެވެ.
ގާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން މިހާރު ބައި-އިލެކްޝަންތައް ބާއްވަމުން ގެންދަނީ އަހަރަކު ދެ ފަހަރުއެވެ. މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ފަސް ރަށެއްގެ ލޯކަލް ކައުންސިލާއި 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. ނަމަވެސް، 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމާ ގުޅިގެން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.