ދިވެހި ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި، ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ނެރުމަށް ގެންގުޅޭ ވިސްނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު، ގާޒާގެ ބިން އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެތަނުން ފަލަސްތީނުގެ ރައްޔިތުން ނެރުމުގެ ޕްލޭނެއް ހުށަހެޅުއްވި އެވެ. މި ހުށަހެޅުމާ ގުޅިގެން އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ، ގާޒާ ދޫކޮށް ދާން ބޭނުންވާ އާންމުންނަށް އެކަމުގެ ފުރުސަތު ހޯދައިދިނުމަށް އެ ގައުމުގެ އަސްކަރިއްޔާއަށް އަންގަވާފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި އާބާދީތައް ގާއިމުކުރުމާއި، އެ ގައުމުގެ ބިންތައް ހިފައި، ގާޒާގެ ރައްޔިތުން އެ ބިމުން ނެރުމަށް ކުރާ މަސައްކަތްތައް ކުށްވެރިކޮށްފައިވެ އެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް ގޮވާލާފައިވެ އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ގާޒާއަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއްކަމާއި، އެތަނުން ފަލަސްތީނު ރައްޔިތުން ނެރުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކަށް ދިވެހިރާއްޖެއިން ތާއީދު ނުކުރާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމަށް ވެސް ވިދާޅުވި އެވެ. އަދި މީގެ އިތުރުން، އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްހުލުވެ، ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހަޅާފައިވާކަން ފާހަގަކުރެއްވި އެވެ.
ޓްރަމްޕުގެ މި ހުށަހެޅުމަށް އަރަބި ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައި، އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ކުރާ ތާއީދު އަލުން ތަކުރާރުކޮށްފައިވެ އެވެ.