އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މިއަހަރުގެ އޮކްޓޫބަރުގައި ގެނެސް، މޯލްޑިވިއަންއިން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ދަތުރު ފަށަނީ

އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މިއަހަރުގެ އޮކްޓޫބަރުގައި ގެނެސް، މޯލްޑިވިއަންއިން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ދަތުރު ފަށަނީ

އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މިއަހަރުގެ އޮކްޓޫބަރުގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމާއެކު ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ޤައުމީ އެއަރލައިންގައި ސީދާ ރާއްޖެއިން އުދުހެން ފެށޭނެ ކަމަށެވެ.

އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށްވަނީ ހަމަޖެހިފައި. މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވަނީ ވައިޑްބޮޑީ އެއާކްރާފްޓް އިފުތިތާހުކޮށްފައި ކަމުގައެވެ. އަދި ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ޤައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ މިއަހަރު ގިނަ އެއަރޕޯޓްތަކެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަށްވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެއިތުރުން ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ ގަން އެއަރޕޯޓް މިއަހަރު ހުޅުވުމާއި، މ މުލީ އެއަރޕޯޓް އެޕްރީލް މަހު ހުޅުވުމަށް މަސައްކަތްދަނީ ކުރެވެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއަރޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެ. މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވަޢުދުވެފައިވާގޮތަށް މަސައްކަތްތައް މިއަހަރު ފެށިގެންދާނެ.

ރައީސް މިއަދު ވިދާޅުވިއެވެ.

އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *