ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވައްދާފައިވާ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދިއްޖެ

ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވައްދާފައިވާ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދިއްޖެ

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާ ބައްދަލުކޮށް، ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވައްދާފައިވާ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ "ދެން އޮންލައިން" އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، އީސީގެ ހުރިހާ މެންބަރުން ބައިވެރިވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވަގު ފޯމުތަކާ ގުޅޭ މައްސަލައިގެ ތަހުގީގާ ބެހޭގޮތުންނެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިމުމުން، ވީހާވެސް އަވަހަކަށް ތަހުގީގު ރިޕޯޓު އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރާނެ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިކަމަށް ޒަކަރިއްޔާ ހާމަކުރެއްވިއެވެ.

މި މައްސަލަ ސަމާލުކަމަށް އައީ ވެރިކަންކުރާ ޕީއެންސީއިން މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން، އެމްޑީޕީގެ މެންބަރުންތަކެއް އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވުމާ ގުޅިގެންނެވެ. މީގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، ޕީއެންއެފް، ޑިމޮކްރެޓްސް އަދި އުވާލެވިފައިވާ ޕީޕީއެމްގެ މެންބަރުން ހިމެނެއެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކުރީގެ އާޓްސް އެންޑް ކަލްޗަރގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގުވެސް ހިމެނެއެވެ.

44 ހާހާ ގާތްކުރާ މެންބަރުން ތިބޭ އެމްޑީޕީން ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ 3،000 އެއްހާ މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ޝަކުވާ ލިބިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް އެމްޑީޕީގެ ލީގަލް ޓީމުންވެސް ވަނީ ފުލުހުންނާ ބައްދަލުކޮށްފައެވެ. އެ ޓީމުން ބުނެފައިވަނީ 96 މީހަކު ވަގަށް ވެއްދި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީއެންސީން މި މައްސަލައާ ގުޅިގެން ބުނެފައިވަނީ، މެންބަޝިޕް ޑްރައިވް ކުރިއަށް ގެންދިޔައިރު މަދު އަދަދެއްގެ ސައްހަނޫން ފޯމު ހުށަހެޅިފައިވާކަން ޤަބޫލުކުރާ ކަމަށާއި، އެ މައްސަލަ ޕާޓީގެ ފަރާތުން ބަލަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *