"އެކްރޮސް މޯލްޑިވްސް ޑައިވް" ގެ ނަމުގައި އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެއްގައި، ރާއްޖޭގައި އާ ރެކޯޑެއް ހެދުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި ހަރަކާތުގެ މަޤްޞަދަކީ ދުނިޔޭގެ އެންމެ ދިގު "ސިންގަލް އޯޕަން ވޯޓާ ޑައިވް" ގެ ރެކޯޑު ގާއިމުކުރުމެވެ.
މި ހަރަކާތް ކުރިއަށްދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަސް އިއްޔެ ހުޅުމާލޭ ބީޗުގައި އިފްތިތާހުކޮށްދެއްވީ މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އާ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފަމުންދާ މިންވަރު އިތުރުވަމުންދާކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އޯޝަން ސިކްސް ފިފްޓީން މަޢުލޫމާތު ދެއްވާގޮތުގައި ފުރަތަމަ ރެކޯޑު ހެދުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެއީ ހުޅުމާލެ އާއި ހުޅުލެ ވަށައިގެން 17 ކިލޯމީޓަރުގެ ދުރުމިނަށް ފީނައިގެން ހަދާ ރެކޯޑެކެވެ. ދެވަނަ ރެކޯޑަކީ ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނު، އައްޑޫ ސިޓީ ގަމާ ހަމައަށް ފީނައިގެން ހަދާ ރެކޯޑެވެ. މި ހަރަކާތުގެ ތެރެއިން ޖުމުލަ 4،600 ކިލޯމީޓަރަށް ޑައިވްކުރުމަށް ވަނީ ރޭވިފައެވެ. މިއީ ދުނިޔޭގެ އެންމެ ދިގު ޑައިވްގެ ރެކޯޑަށްވެގެންދާނެއެވެ. ވަޒީރު ޝިޔާމް ފާހަގަކުރެއްވިގޮތުގައި މި ހަރަކާތުގެ ސަބަބުން ޓޫރިޒަމުން ރާއްޖެ ތަޢާރަފުނުވާ އެތައް ބަޔަކަށް ރާއްޖެ ތަޢާރަފުވެގެންދާނެއެވެ.