ޗައިނާގެ މިފެށޭ އާ އަހަރާއެކު، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަން: ރައީސް

ޗައިނާގެ މިފެށޭ އާ އަހަރާއެކު، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަން: ރައީސް

Author
ހުސައިން
29 ޖެނުއަރީ 2025 11:38
0

ޗައިނާގެ މިފެށޭ އާ އަހަރާއެކު، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ އާ އަހަރާ ގުޅިގެން އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވި ހާއްސަ ތަހުނިޔާގެ މެސެޖުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ލީ ޗިއާންއަށް ތަހުނިޔާ ދަންނަވާފައެވެ.

މި ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަތުމާއެކު، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަންވެސް ހާމަކުރައްވާފައިވެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވިފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.