ފ.ނިލަންދޫގައި ފެންބޮޑުވެ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި

ފ.ނިލަންދޫގައި ފެންބޮޑުވެ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފ.ނިލަންދޫގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ނިލަންދޫ ކައުންސިލުގެ އެސްޖީ އަލީ ހައިތަމް ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އިއްޔެ އަދި ރޭ ކުރި ވިއްސާރައިގައި ރަށުގެ މަގުތަކުގައި ފެންބޮޑުވެ، 3 ގެއަކަށް ބިމުން އެރި ފެން ވަދެފައިވާކަމަށް ރިޕޯޓު ކުރެވުނު ނަމަވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ މަގުތަކުގައި ފެންބޮޑުވެފައިވާއިރު ނަރުދަމާ ނިޒާމުން ނަޖިސް ބޭރުވަމުންދާ މައްސަލައެވެ. ހައިތަމް ފާހަގަކުރެއްވިގޮތުގައި ގޭގެއިންނާއި މަގުމަތިން ނަޖިސް އަރައި ރަށުތެރެއަށް ފެތުރެމުންދާކަމީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މިކަމުގެ ސަބަބުން ބަލިމަޑުކަން ފެތުރިދާނެކަމުގެ ބިރު އެބައޮތެވެ.

ޖެނުއަރީ 1 އިން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުން ސަލާމަތްވުމަށް ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހޭލުންތެރިވެ، ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވުމުގެ ސަބަބުން ރޭ ކުރި ވިއްސާރައިގައި ގެތަކަށް އިތުރު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ 11:30 އިން 15:30 އަށް ރ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުކަން ނެރެ، މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް އަންގާފައެވެ. އަދި ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއް ހުޅަނގަށް ޖެހުމުގެ ސަބަބުން، މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވެއެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތްކަންވެސް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *