އާޒިމާ ޝުކޫރު.

އެމްއައިބީއަށް 4.1 މިލިއަން ރުފިޔާ ދައްކަން އާޒިމާގެ މައްޗަށް އަލުން ހުކުމްކޮށްފި

އެމްއައިބީއަށް 4.1 މިލިއަން ރުފިޔާ ދައްކަން އާޒިމާގެ މައްޗަށް އަލުން ހުކުމްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ޣައިރު ހާޒިރުގައި ކުރި ހުކުމް ސިވިލް ކޯޓުން ބާތިލްކޮށް، އެ ފައިސާ ދައްކަން ހަމަ އެ ކޯޓުން އަލުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން އެ ހުކުމް އާޒިމާގެ މައްޗަށް ކުރީ އިއްޔެގައެވެ.

މިފައިސާއަކީ އާޒިމާ އެމްއައިބީން ނަގާފައިވާ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާ ކަމަށް ކަމަށް ބުނެ އެ ބޭންކުން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން ކުރި ހުކުމެކެވެ. މި އަހަރުގެ ކުރީކޮޅު ކުރި އެ ހުކުމް މުރާޖައާ ކުރަން އާޒިމާގެ ފަރާތުން ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ.

އެމްއައިބީގެ އެ ފެސިލިޓީއަކީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ ފްލެޓް ގަތުމަށް 2016ގައި ނަގާފައިވާ ލޯނެކެވެ. އާޒިމާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި އަލުން ކުރި ހުކުމްގައި ބުނެފައިވަނީ އާޒިމާ ރަހުނު ބަހައްޓައިގެން އިސްލާމިކް ބޭންކުން ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމާއި އެ ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް އާޒިމާ ފައިސާ ދައްކާފައި ނުވާ ކަން ސާބިތުވާ ކަމަށެވެ.

އާޒިމާ މިހާރު އެމްއައިބީއަށް ދައްކަން 4،282،514ރ. އެބައޮތެވެ.

ސިވިލް ކޯޓުން ވަނީ ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ދައްކަމުން ގޮސް ފެސިލިޓީގެ އެންމެހާ ފައިސާ ކުރިއަށް އޮތް ތިން މަސް ތެރޭގައި އެމްއައިބީ އަށް ދައްކައި ހަލާސް ކުރަން އަމުރުކޮށްފައެވެ.

އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *