ބްލޫ އިކޮނޮމީ ފޯރަމްގައި ނައިބްރައީސް ތަޤުރީރު ކުރައްވައިފި

ބްލޫ އިކޮނޮމީ ފޯރަމްގައި ނައިބްރައީސް ތަޤުރީރު ކުރައްވައިފި

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައި، ބައިވެރިވި ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވި ގްރޫޕް ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވާހަކަފުޅު ދައްކަވައިފިއެވެ.

ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގްގެ ރިޔާސަތުގައި ބޭއްވުނު މިބައްދަލުވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަރމަންޓުން ދެއްވި މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޗައިނާއަކީ ދިވެހިރާއްޖޭގެ އިތުބާރުހުރި އަދި ދާއިމީ ރަޙްމަތްތެރިއެއްކަން ފާހަގަކުރައްވައި، "ވަން-ޗައިނާ" ޕްރިންސިޕަލްއާމެދު ދިވެހިރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބުކަމުގައި ދެކެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ފޯރަމްގެ މި ތިންވަނަ ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

ބައްދަލުވުން ނިމުމަށްފަހު ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއި ބޭރުގެ މުހިންމު މެހެމާނުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *