އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

Author
ހުސައިން
15 ޑިސެމްބަރ 2024 09:10
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްތަކުގެ ތަރައްޤީއާއި ރައްޔިތުންގެ އެދުންތަކާމެދު މަޝްވަރާކުރައްވާފައެވެ. އަދި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ސްކޫލުތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް އެތަންތަނަށް ޒިޔާރަތްކުރެއްވިއެވެ.

ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެތައް މުހިންމު އިޢުލާނެއް ކުރައްވާފައެވެ. އެގޮތުން، އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަން ދަނގެތީގައި ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުގައި އިޢުލާންކުރެއްވިއެވެ. ހަމަ އެ ބައްދަލުވުމުގައި، އިހަށްދުވަހު ތަސްދީޤުކުރެއްވި ބޭރުފައިސާގެ ބިލު ތަންފީޒުކުރަން ފެށުމާއެކު، ހަމަހާއި އަހަރު ދުވަހާ ދެމެދުގެ މުއްދަތެއްގައި ޑޮލަރުގެ ދަތިކަމަށް ޙައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އަދި ލޯކަލް ޓޫރިޒަމްގެ އާމްދަނީން ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެގޮތަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތަކުގެ ފަންނީ މަސައްކަތް ނިމުމުން އެކަން މަޖިލީހަށް ހުށަހަޅުއްވައި، ފަތުރުވެރިކަމުގެ ޓެކްސް ސީދާ ކައުންސިލްތަކަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްދާނީ ދިމާވާ ހުރަސްތައް ގިރާކުރަމުން ކަމުގައެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު މުވައްޒަފުންނަށް ރައީސް ހިތްވަރު ދެއްވާފައި ވެއެވެ.

މިއީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް މި އަހަރު ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ އެންމެ ފަހު ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ގަސްދުކުރައްވާކަންވެސް އިޢުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.