ދައުލަތުގެ ޚަރަދުތައް 43.5 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ ޚަރަދުތައް 43.5 ބިލިއަން ރުފިޔާއަށް އަރައިފި

މާލީ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޚަރަދުތައް 43.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރެވުނު 42.8 ބިލިއަން ރުފިޔާގެ ޚަރަދަށްވުރެ އިތުރު އަދަދެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވާ މުޅި ބަޖެޓަކީ 49.8 ބިލިއަން ރުފިޔާއެވެ.

މިހާތަނަށް ކުރެވުނު ޚަރަދުތަކުގެ ތެރޭގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.9 ބިލިއަން ރުފިޔާ އަދި ރިކަރަންޓް ޚަރަދުގެ ގޮތުގައި 30.5 ބިލިއަން ރުފިޔާ ހިމެނެއެވެ. މުވައްޒަފުންގެ މުސާރައަށް 12.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، އިދާރީ ޚަރަދުތަކަށް 18 ބިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ. އަދި ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް 9.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ.

އާމްދަނީގެ ގޮތުގައި މިހާތަނަށް ދައުލަތުގެ ބައިތުލްމާލަށް ލިބިފައިވަނީ 31.8 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 24.3 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ގްރާންޓްސްގެ ގޮތުގައި 591 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން ޖުމްލަ 33.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *