ދަނގެތިން ރައީސަށް ހޫނު މަރުހަބާއެއް!

ދަނގެތިން ރައީސަށް ހޫނު މަރުހަބާއެއް!

Author
ހުސައިން
14 ޑިސެމްބަރ 2024 07:22
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު އދ. ދަނގެއްޗަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެރަށަށް އެމަނިކުފާނު ވަޑައިގަތުމާ ގުޅިގެން މަރުހަބާ ކިއުމަށް ބަނދަރުމައްޗަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން އެއްވެފައި ވެއެވެ.

ދަނގެތި މިވަގުތު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. ވަކިން ޚާއްޞަކޮށް ބަނދަރުމަތި ދިވެހި ދިދައިން ވަނީ ޒީނަތްތެރިކުރެވިފައެވެ. މަރުޙަބާ ދެންނެވުމަށް އެއްވި ރައްޔިތުންގެ އަތުގައި ފެހި، ރަތް އަދި ހުދު ކުލައިގެ ދިވެހި ދިދަތައް ފެނުނެވެ. ރައީސް މި އެންމެންނާ ސަލާމްކުރެއްވުމަށް 15 މިނެޓެއްހާއިރު ހޭދަކުރެއްވިއެވެ. މިއީ މިފަހަކަށް އައިސް ފެނުނު އެންމެ ހިތްގައިމު މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުކަން ފާހަގަ ކޮށްލެވެއެވެ.

އޭގެފަހުން، ރައީސް ވަނީ ކުރީޒަމާނުގައި ދިވެހިން ކުރަމުން އައި މަސައްކަތްތައް ބައްލަވާލައްވާފައެވެ. މިރޭ އޮންނާނީ ދަނގެތީ ރައްޔިތުންނާއެކު ބާއްވާ ޖަލްސާއެވެ. އެހެންނަމަވެސް އޭގެ ކުރިން އެމަނިކުފާނު ބައެއް ކައުންސިލްތަކާ ބައްދަލުކުރައްވާނެއެވެ.

މާދަމާ މެންދުރު ރައީސް ވަޑައިގަންނަވާނީ އދ. އޮމަދޫއަށެވެ. އަދި އޭގެފަހުން އދ. މަހިބަދޫއަށް ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އދ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުން ހިމެނެއެވެ.

ރައީސް މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމެވެ. މި ދަތުރުފުޅުތަކުގައި، އެރަށްރަށުގެ ރައްޔިތުންގެ ޙާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން ދެނެގަތުމާއި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނެ ގޮތާމެދު މަޝްވަރާކުރެއްވުން ހިމެނެއެވެ. މިހާތަނަށް އެމަނިކުފާނު ވަނީ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.