ރައްޔިތުންގެ މަޖިލީހުން 2025 އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓާ ޚިލާފަށް އަމަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ، މިކަމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓް އިތުރުވެގެންދާނެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކޮށްފިއެވެ.
އިއްޔެ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުން ވަކި އަދަދެއްގެ ބަޖެޓެއް ފާސްކޮށްފައި އޮއްވައި، އެއާ ޚިލާފަށް އަމަލުކުރައްވާނެކަމަށް ރައީސް ވިދާޅުވަމުންދާތީ، މިކަމުގެ ސަބަބުން އުފެދޭ އޮޅުންތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުގައި ސަބްސިޑީތައް އުނިކުރުމަށް ހިމަނާފައިވާއިރު، އެކަން ކުރާނެ ގޮތުގެ ފޯމިއުލާއާއި، އޭގެ ސަބަބުން ދައުލަތުގެ ޚަރަދުން ސަލާމަތްކުރެވޭނެ އަދަދުތައްވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ފާއިތުވި އާދީއްތަ ދުވަހު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އެއްވެސް ސަބްސިޑީއެއް އަދި އާސަންދައެއްވެސް އުނިނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ، މިކަމާމެދު އެމްޑީޕީގެ ކަންބޮޑުވުންތައް ހުރިކަމަށް ޒިޔާދު ވިދާޅުވިއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުވެސް ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ ވާހަކަފުޅުތަކުގެ ސަބަބުން ސަބްސިޑީއަށް ވާނެގޮތް ސާފުނުވާކަމަށާއި، ސަބްސިޑީ އުނިނުކޮށް ކުރިއަށް ގެންގޮސްފިނަމަ ބަޖެޓުގެ ދަރަންޏަށް ހަ ބިލިއަން ރުފިޔާއެއްހައި އިތުރުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓުގައި އަމަލުކުރަން ހިމަނާފައިވާ ކަމެއް އެހެން ގޮތަކަށް ކުރިއަށް ގެންދަވަން ނިންމަވާނަމަ، އެކަމުގެ މަޢުލޫމާތު މަޖިލީހާއި މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، ސަބްސިޑީ ނިޒާމަކީ ދެމެހެއްޓެނިވި އަދި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރެވޭނެ ނިޒާމަކަށް ހެދުމަށްޓަކައި، ސީދާ އެހީ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ފޯރުކޮށްދިނުމަށް ހުށަހަޅާފައިވެއެވެ. މި ބަދަލާއެކު، ކޮންމެ މީހަކަށް ދައުލަތުން ދެވޭ އެހީގެ މިންވަރު ސާފުކޮށް އެނގޭނެއެވެ. މީގެ އިތުރުން، ސަބްސިޑީ ލިބޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
ސަބްސިޑީ ޙައްޤުވާ ފަރާތްތައް ކަނޑައެޅުމަށް ބޭނުންކުރާނީ ޕްރޮކްސީ މީންސް ޓެސްޓު މޮޑެލްއެކެވެ. މި މޮޑެލްގައި، ގޭބީސީގެ އާމްދަނީ ޔަޤީންނުކުރެވޭ ޙާލަތުގައި، އެހެނިހެން މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ދިރިއުޅުމުގެ ފެންވަރު ވަޒަންކުރެވޭނެއެވެ. ހުށަހަޅާ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް، ސަރުކާރު އިދާރާތަކާއި، ޕެންޝަން އޮފީސް، މީރާ އަދި ބޭންކުތަކުން ލިބެންހުރި މަޢުލޫމާތުތައް ބޭނުންކުރެވޭނެއެވެ.
މި އިޞްލާޙުތައް ތަންފީޛުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުންނެވެ. މީގެ ސަބަބުން ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ކާޑު އަދި ނަރުދަމާގެ ޚިދުމަތްތަކަށް ދެވޭ ސަބްސިޑީ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި، ސީދާ އެހީ ބޭނުންވާ ފަރުދުންނަށް ލިބިގެންދާނެއެވެ. މި ބަދަލާއެކު 2025 ވަނަ އަހަރު 1.5 ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ