ހެންވޭރު އަންހެނުންގެ ކޮމެޓީގައި ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ހަރަކާތްތެރިކޮށް ގިނަ ޚިދުމަތްތަކެއް ކުރެއްވި މަޝްހޫރު މެންބަރެއް ކަމުގައިވާ ގަދަގޭ ވަސީމާ މުހައްމަދު އިންޑިއާގެ ކޮޗިންގައި ފަރުވާ ހޯއްދަމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
އާއިލާއިން ހާމަކުރި ގޮތުގައި ވަސީމާ މުހައްމަދު ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ވަޑައިގަތީ ގާތްގަނޑަކަށް ދެތިން މަސް ކުރިންނެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (އިޓަލީ) ގެ އަނބިކަނބަލުން ކަމުގައިވާ ވަސީމާގެ ނިޔާވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތައުޒިޔާ ފާޅުކުރައްވާފައެވެ.
ވަސީމާ އަކީ މާލޭގެ އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތް އެންމެ ވާދަވެރިކޮށް ކުރިއަށް ދިޔަ ދުވަސްވަރު، ހެންވޭރު އަންހެނުންގެ ކޮމެޓީގައި އެންމެ ހަރަކާތްތެރިކަމާއެކު މަސައްކަތްކުރެއްވި މެންބަރެކެވެ. އޭނާގެ ޚިދުމަތްތަކުގެ ތެރޭގައި ހެންވޭރުގެ އިޖުތިމާއީ ގިނަ ހަރަކާތްތަކުގައި މުހިންމު ދައުރެއް އަދާކުރެއްވުމާއި، މަދަރުސަތުލް އަމީރު އަހުމަދަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ