ސަރުކާރުން އެއްވެސް ގޮތަކުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް މަސައްކަތް ނުކުރާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، އެމްޑީޕީގެ ޖަލްސާއެއްގައި މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާނެކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ގާނޫނުއަސާސީގެ ދިފާއުގެ ނަމުގައި ބޭއްވުނު އެމްޑީޕީގެ ޖަލްސާގައި، ކުރީގެ ރައީސް ސާލިހް ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރުން މަޖިލީހުގެ ބާރުތައް ކަނޑުވާލައި، އެ ބާރުތައް އެއްކޮށް އަމިއްލަ މުށުތެރެއަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ދެން އޮތީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށް، ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ. ހަގީގީ މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވެފައިވަނީ އިބްރާހިމް ސާލިހްގެ ވާހަކަފުޅުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މި ސަރުކާރުން ޖުޑިޝަރީއަށް މިނިވަންކަން ދީފައިވާކަމާއި، އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އެއްވެސް މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ފާހަގަކޮށްލެވޭ ކަމަކީ، މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ހަތް ފަނޑިޔާރުންނަކީވެސް އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު، އޭރުގެ ބެންޗު އެއްކޮށް ބަދަލުކުރުމަށްފަހު އައްޔަންކުރެވުނު ފަނޑިޔާރުން ކަމެވެ. އެމްޑީޕީއަށް މަޖިލީހުގައި ލިބިފައިވާ ބޮޑު މެޖޯރިޓީގެ ބޭނުން ހިފައިގެން އޭރު ކުރެވުނު މި ބަދަލުގައި އުއްތަމަ ފަނޑިޔާރުވެސް ހިމެނެއެވެ.