ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލް ކޮމިޓީއަށް ފޮނުވައިފި

ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލް ކޮމިޓީއަށް ފޮނުވައިފި

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބޭރު ފައިސާއާބެހޭ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން 51 މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފައެވެ. އަދި ހަތަރު މެންބަރަކު ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

މަޖިލީހުން ބިލު ބަލައިގަތުމަށްފަހު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 15 ގެ ކުރިން ބިލު ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭ ކަމަށެވެ.

ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ރިސޯޓު ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެއެވެ. ނުވަތަ އިޚްތިޔާރެއްގެ ގޮތުން މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއަށް މާރުކުރެވިދާނެއެވެ. އަދި ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެއެވެ.

މި ބިލުގެ ދަށުން އިސްތިސްނާ ލިބޭ ފަރާތްތަކުގެ ތެރޭގައި 24 ގަޑިއިރު ނުހޭދަކުރާ ޓޫރިސްޓުންނާއި، 10 އަހަރު ނުފުރޭ ކުޑަކުދިންނާއި، ހިލޭ ތިބޭ ފަރާތްތަކާއި، ސަރުކާރުން ޚާއްސަ އިމްތިޔާޒު ދީފައިވާ މެހެމާނުން ހިމެނެއެވެ.

މި ބިލުގައި އަދި ބަޔާންކޮށްފައިވާ ގޮތުގައި ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅާ ވަކި އިންސައްތައެއްގެ ފައިސާ، އެމްއެމްއޭއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ބޭންކަކުން އެމްއެމްއޭއަށް ވިއްކަންޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *