މަސްވެރިންގެ ގައުމީ ދަފްތަރާ ގުޅޭ ގަވާއިދު މި ހަފްތާގެ ބުރާސްފަތި ދުވަހު ގެޒެޓް ކުރަނީ

މަސްވެރިންގެ ގައުމީ ދަފްތަރާ ގުޅޭ ގަވާއިދު މި ހަފްތާގެ ބުރާސްފަތި ދުވަހު ގެޒެޓް ކުރަނީ

Author
ހުސައިން
09 ޑިސެމްބަރ 2024 04:06
0

މަސްވެރިންގެ ގައުމީ ދަފްތަރާ ގުޅޭ ގަވާއިދު މި ހަފްތާގެ ބުރާސްފަތި ދުވަހު ގެޒެޓް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.

މަސްވެރިންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކުގެ ތެރޭގައި، އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ލިބޭ ފުރުސަތުތައް މަސްވެރިންނަށް ނުލިބޭކަން ހިމެނެއެވެ. ޚާއްޞަކޮށް މަސްވެރިކަން ވަޒީފާއެއްގެ ގޮތުގައި ނުބެލޭތީ، ބޭންކުތަކުން ލޯނު ހޯދުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި މަސައްކަތުގެ ދަށުން އެކުލަވާލެވުނު ގަވާއިދު ގެޒެޓް ކުރެވުމުން، ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކުގެ އެކި ފެސިލިޓީތަކުގެ އިތުރުން އެސްޓީއޯގެ ސްކީމުތަކުން ވެސް މަސްވެރިންނަށް ފުރުސަތު ލިބިގެންދާނެއެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރުގެ މައިގަނޑު މަޤްޞަދަކީ، އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން މަސްވެރިކަމަކީވެސް ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ދަފްތަރު ވަނީ މިއަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިފްތިތާޙް ކުރެވިފައެވެ. މީގެ އިތުރުން، ސަރުކާރުގެ ވައުދާ އެއްގޮތަށް، ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި، ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ފުރިހަމައަށް ނެގޭނެ އިންތިޒާމު ހަމަޖެއްސޭނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.