ބީއެމްއެލް އެކައުންޓް ގެންގުޅޭ މަސްވެރިންނަށް މާދަމާ އިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދޭން ފަށަނީ

ބީއެމްއެލް އެކައުންޓް ގެންގުޅޭ މަސްވެރިންނަށް މާދަމާ އިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދޭން ފަށަނީ

Author
ހުސައިން
09 ޑިސެމްބަރ 2024 12:31
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓް ގެންގުޅޭ މަސްވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ޖަމާކުރަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

މިކަން ރައީސް އިޢުލާންކުރެއްވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކ. ގާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ކުރީގެ ސަރުކާރުން މަސްވެރިންނަށް ދައްކަންޖެހޭ 38 މިލިއަން ރުފިޔާގެ ފައިސާ މިހާރުވަނީ އެއްކޮށް ދައްކާ ޚަލާސްކުރެވިފައެވެ. އަދި މިކަމާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް މިހާރުވަނީ ނިމުމަކަށް ގެނެވިފައެވެ.

މަސްވެރިންނަށް ލުއިފަސޭހަކޮށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މާލީ ވުޒާރާއާއި، މިފްކޯ އަދި ބީއެމްއެލްއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އިންތިޒާމުގެ ދަށުން ބީއެމްއެލްގައި އެކައުންޓް އޮންނަ މަސްވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެވޭނެ ކަމަށާއި، އެމްއައިބީގައި އެކައުންޓް ހުރި ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މި ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މާދަމާއިން ފެށިގެން ބީއެމްއެލް އެކައުންޓް ގެންގުޅޭ މަސްވެރިންނަށް މި ޚިދުމަތް ލިބެން ފަށާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.