ރާއްޖޭގެ އުތުރާއި ދެކުނުގައި ލައްކައެއްހާ މީހުންނަށް ޚިދުމަތްދެވޭ ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރެވޭނެ ކަމަށް ގެދޮރުވެރިކަމާއި ބިމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ 7 ރަށެއް އަރބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވައި، އުތުރާއި ދެކުނުގައި ޚާއްސަ ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރަން ނިންމަވާފައިވާ ކަމަށެވެ. މި ސަރަޙައްދުތަކަކީ މާލެއާ ދުރުގައިވާ އާބާދީ ބޮޑު ރަށްތަކެއް ހިމެނޭ ތަންތަން ކަމަށާއި، މަތީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށްޓަކައި ބޮޑު އާބާދީއެއް ބޭނުންވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ތަންތަން ތަރައްޤީވުމުން މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭނެ. އާބަން ރީޖަންތަކުގައި ވަކި އާބަން ސެންޓަރުތަކެއް ތަރައްޤީކޮށް، އެތަންތަނުގައި ތަފާތު ޚިދުމަތްދޭ މަރުކަޒުތައް ޤާއިމްކުރެވޭނެ," ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހުރިހާ ޒޯނެއްގައި ވަޒީފާގެ ފުރުޞަތުތަކާއި، ފަތުރުވެރިކަމުގެ އިތުރު ފުރުޞަތުތައް އަދި އަމިއްލަ ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތުތައް ފަހިކުރެވޭނެ ކަމަށެވެ.
އުތުރުގެ ތަރައްޤީގެ ޒޯނުގައި ހއ، ހދ، އަދި ށ އަތޮޅު ހިމެނޭނެ ކަމަށާއި، އިދާރީ މައި ހަބަކީ ހދ. ކުޅުދުއްފުށި ސިޓީ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ދޮރާޓަކީ ހދ. ހަނިމާދޫ ކަމަށާއި، ބައިނަލްއަޤްވާމީ ޓްރާންސް ޝިޕްމަންޓް ބަނދަރު ހއ. އިހަވަންދިއްޕޮޅުގައި ޤާއިމްކުރެވޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ދެކުނުގެ ތަރައްޤީގެ ޒޯނުގައި ގއ، ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭނެ ކަމަށާއި، އިދާރީ މައި ހަބު އަދި ބައިނަލްއަޤްވާމީ ދޮރާޓަކީ އައްޑޫ ސިޓީ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ޑިވެލޮޕްމަންޓް ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާނެ ގޮތާއި ތާވަލާ ބެހޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.