ޕޯސްޓުން ގެނައި ޑްރަގްސްއާއި ހަވާލުވާން ދިޔަ މީހަކު ހައްޔަރު ކޮށްފި

ޕޯސްޓުން ގެނައި ޑްރަގްސްއާއި ހަވާލުވާން ދިޔަ މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
06 ޑިސެމްބަރ 2024 04:23
0

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނައި މަސްތުވާތަކެތީގެ ޕެކޭޖަކާއި ހަވާލުވާން ދިޔަ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 20 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 40 އަހަރުގެ މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ހުރީ މިހާރުވެސް ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހެއްގެ ނަމުގައި ފޮނުވާފައިވާ ޕެކޭޖެއްގައެވެ. މި ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 980 ގްރާމެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުން އަދި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވެއެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރެއްގެ ހެއްކާއި ގަރީނާ ލިބިފައިވާކަމަށް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސީނަށް ދިޔަ ފުލުސް އޮފިސަރުންގެ ތަހުގީގު ބަޔާނާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު، އަދި ހައްޔަރުކުރެވުނު ފަރާތުގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓު ހިމެނެއެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން، މި މައްސަލައިގެ ތަހުގީގު ހަތް ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.