ޕީޕީއެމް އުވާލަން ނިންމައިފި

ޕީޕީއެމް އުވާލަން ނިންމައިފި

Author
އަހުމަދު
02 ޑިސެމްބަރ 2024 04:12
0

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އުވާލަން ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގައި 42 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތުގައި ތިއްބެވީ ދެ މިނިސްޓަރުން އަދި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމާއި މުހައްމަދު ޣައްސާން މައުމޫނެވެ.

ޕީޕީއެމަކީ 2013 އިން 2018 އަށް ވެރިކަން ކުރި ޕާޓީއެވެ.

ޕީޕީއެމް އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްކޮށް ހުންނަވައިގެންނެވެ. އެއީ ޑީއާރުޕީ ދެ ފެކްޝަނަކަށް ބެހި، ދެބައިވުމާ ގުޅިގެން މައުމޫން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމަށް ފަހު ބޭއްވި ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

ޔާމީނާއި މައުމޫން ހިޔާލު ތަފާތުވެގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ޕީޕީއެމުން މައުމޫން ބޭރު ކުރިއެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރުން ފެށިގެން ޔާމީންގެ ކޮންޓްރޯލާ އެކުގައި ޕީޕީއެމް ހިންގަމުން ދިޔައެވެ. ނަމަވެސް، ވެރިކަން ގެއްލުމުން ޕީޕީއެމް ޔާމީނަށް ގެއްލިދާނެ ކަމުގެ ބިރަށް ޕީއެންސީ އުފެއްދެވިއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެވޭނެ ގޮތް ޔާމީނަށް ނުވުމުން ޕީއެންސީގެ ޓިކެޓްގައި އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ދެއްވިއެވެ. ޕީއެންސީގެ ތެރޭގައި ބޭއްވި އިންތިހާބެއްގައި އެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕީޕީއެމްގެ ހަރަކާތެއް ނުހިނގައެވެ. އަދި ޔާމީންގެ މާ ބޮޑު ބާރެއް ވެސް ޕީޕީއެމް ތެރެއިން ނުފެނުނެވެ. އެހެންވެ، ޔާމީން ނިންމެވީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމަށެވެ.

ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައި ވަނީ ޕީއެންއެފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.