ދިރާގުން މިރޭ 'ލިމިޓެއް ނެތް' އިންޓަނެޓް ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ. މި ޕެކޭޖުތައް ތައާރަފްކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ދިރާގުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އާ ޕެކޭޖުތަކުގެ ސަބަބުން ކުރިއަށްވުރެ ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ. މިގޮތުން 20 އެމްބީޕީއެސް އިން ފެށިގެން އެއް ޖީބީޕީއެސް އާ ހަމައަށް ލިމިޓެއް ނެތް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތަކެއް ތައާރަފްކޮށްފައިވާއިރު، އެކި ސްޕީޑުތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތައް އެކުލެވޭ މި ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވެފައިވަނީ މުއާސަލާތީ ގޮތުން ރާއްޖެ ގުޅުވާލައި، ޑިޖިޓަލް މުސްތަގުބަލަކަށް ކަސްޓަމަރުން ތައްޔާރުކުރުމަކީ ދިރާގުން އެންމެ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިޖާދީ، ޑިޖިޓަލް ހައްލުތައް ގެނެސްދީ، އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގައި އެންމެ ހަލުވި އަދި އެންމެ ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދޭ ނެޓްވޯކް ކަމަށްވާއިރު، މިވަގުތު ރާއްޖޭގެ 95 އިންސައްތައަށް ވުރެ ގިނަ ގޭބީސީތަކަށް ދިރާގުގެ އިންޓަނެޓް ޚިދުމަތް ލިބެމުންދެއެވެ.