65 އޭޓީއެމް ހޯދަން ބީއެމްއެލްއިން އިއުލާންކޮށްފި

65 އޭޓީއެމް ހޯދަން ބީއެމްއެލްއިން އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 65 އައު އޭޓީއެމް ހޯދުމަށް އިއުލާން ކޮށްފިއެވެ. މި އިއުލާނާ ގުޅިގެން، އޭޓީއެމް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ވަނީ ދީފައެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު ޑިސެމްބަރު 5 އާ ހަމައަށް ހުޅުވާލާފައިވާއިރު، މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޑިސެމްބަރު 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ބޭންކުގެ ހެޑް އޮފީހުގައެވެ. އޭޓީއެމްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތަފްސީލު ވަނީ މިހާރު ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

މި އިއުލާނަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢު ވަނީ ނޮވެމްބަރު 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވާފައެވެ. މިހާތަނަށް ރާއްޖޭގެ 90 ރަށުގައި ބީއެމްއެލްގެ 150 އޭޓީއެމް ވަނީ ޤާއިމުކުރެވިފައެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އައު އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި އޭޓީއެމްތައް މިހާރު ވަނީ ރާއްޖެ ގެނެވިފައިވާއިރު، ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2025 ވަނަ އަހަރުގެ މާރިޗު 25 ގައި ނިމޭނެކަމަށް ލަފާކުރެވެއެވެ. އަދި ޖުމުލަކޮށް އަންނަ އަހަރު 100 އައު އޭޓީއެމް ބެހެއްޓުމަށްފަހު، އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *