4000 ފްލެޓްގެ މަޝްރޫއަށް ދައްކަންޖެހޭ ސަރުކާރުން 178 މިލިއަން ރުފިޔާ ދައްކައިފި

4000 ފްލެޓްގެ މަޝްރޫއަށް ދައްކަންޖެހޭ ސަރުކާރުން 178 މިލިއަން ރުފިޔާ ދައްކައިފި

ސަރުކާރުން ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމަށް ކުރިއަށްގެންދާ 4000 ފްލެޓްގެ މަޝްރޫއަށް މިހާރުގެ ސަރުކާރުން 178 މިލިއަން ރުފިޔާ ދައްކައިފިކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ހަމްދާން ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން މި މަޝްރޫއުގެ ފައިސާ އެއްކޮށް ދައްކާފައި ނުވުމުގެ ސަބަބުން ފްލެޓްތަކުގެ މަސައްކަތް ވަނީ ލަސްވެފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މި މައްސަލަ ހައްލުކޮށް، މަސައްކަތް އަވަސްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. މި ދެ ކުންފުނިން މަސައްކަތް ކުރަމުންދަނީ 32 ޓަވަރު އެޅުމަށް، ކޮންމެ ކުންފުންޏަކުން 16 ޓަވަރުގެ މަގުންނެވެ.

ހަމްދާން ހާމަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރު ނިމުނުއިރު މަޝްރޫއުގެ 31 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މިހާރުގެ ސަރުކާރުގެ އަށް މަސްދުވަހުގެ ތެރޭގައި އިތުރު އެއް އިންސައްތައިގެ މަސައްކަތް ވަނީ ނިންމާފައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އެޅޭ މި ފްލެޓްތަކުގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 އެޕާޓްމަންޓެވެ. އެފްޑީސީން ވިދާޅުވި ގޮތުގައި މި ތަނަވަސް ފްލެޓްތައް ރައްޔިތުންނާ ހަވާލުކުރެވޭއިރު، ކޮންމެ އިމާރާތެއްގައިވެސް އަސާސީ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *