އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައިވަނީ 70 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު އެމްޑީޕީގެ 11 މެމްބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ބަޖެޓު ފާސް ކުރިއިރު މަޝްރޫއުތަކާ ގުޅޭ ތަފްސީލްތައް ދިނުމަށް ޝަރުތުކޮށްފައިވެއެވެ. އެކަމަކު، މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަން އުނިކުރަން ފެނޭތޯ ވޯޓަށް އަހައި ފާސްކޮށްފައިވެއެވެ.
މިގޮތަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރިކެވެ. އެކަމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. މި ހުށަހެޅުން ފާސްވީ 69 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ.
ބަޖެޓު ފާސް ކުރަން އެހި ވޯޓުގައި 70 މެމްބަރުން ވޯޓު ދެއްވީ ބަޖެޓް ފާސް ކުރަން ފެންނަ ކަމަށެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެމްބަރުންނެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ޕީއެސްއައިޕީގެ ގޮތުގައި މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ އިރު، ޑެފިސިޓް ވާނެ ކަމަށް ބެލެވެނީ 9.4 ބިލިއަން ރުފިޔާއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެކެވެ. ރައީސް ހާމަކުރެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ފިޒިކަލް ކޮންސްޓްރަކްޝަން އަދި ހައުސިންގ ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. އަދި 5 ޕަސެންޓަށްވުރެ ބޮޑުނޫން އިންޓަރެސްޓްގައި ދޫކުރާ ހައުސިންގ ލޯން ސްކީމަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ.