ކިޔެވުމުގައި ނަތީޖާ ދަށް ޒުވާނުން ޕޮލިހާއި ސިފައިންގެ ޚިދުމަތަށް ވައްދަން ފަށާ ޕްރޮގުރާމަކީ ތަރައްޤީގެ މަގަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މަޢުމޫނު ވިދާޅުވެއްޖެއެވެ. ޢައްސާން މިހެން ވިދާޅުވެފައިވަނީ، ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގުރާމެއްގައެވެ.
ޣައްސާން ވިދާޅުވި ގޮތުގައި މި ޕްރޮގުރާމަކީ ދިވެހި ހުރިހާ ޒުވާނުންނަށް ވެސް އިތުރު ފުރުޞަތުތަކެއް ހޯދައިދޭ، ކުރިއަށް ދިޔުމުގެ ޖާގަ ހޯދައިދޭ މަގެކެވެ. އަދި މި ޕްރޮގުރާމުގެ ދަށުން ސިފައިންގެ ޚިދުމަތާ ގުޅޭ ޒުވާނުންނަށް ސްކޮލަޝިޕްގެ ފުރުޞަތުތަކުގެ ތެރެއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ސިފައިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އިންޖިނިއަރުންނާއި އެހެނިހެން ދާއިރާތަކުން ކިޔަވައިގެން ތިބި ފަހުލަވާނުން އެބަ ތިއްބެވެ. ސިފައިންގެ ފައުޖު ދެގުނަވެގެން ދާއިރު، ޤައުމަށް ޚިދުމަތްކުރަން ތައްޔާރަށް ތިބި ގިނަ ޒުވާނުން ސިފައިންގެ ޚިދުމަތާ ގުޅެން ބޭނުންވާ ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުއްވައިލެއްވި މި ފުރުޞަތަކީ ކެރޭ ދިވެހި ޒުވާނުންނަށް ތަޢުލީމު ހާސިލުކޮށްގެން ޤައުމަށްޓަކައި ޚިދުމަތްކޮށް ވިދާލުމަށް ހުޅުވައިދެއްވި ފުރުޞަތެއް ކަމަށް ޣައްސާން ވިދާޅުވިއެވެ. މި ޕްރޮގުރާމް ފަށަން ނިންމާފައިވާކަން ރައީސް މުޢިއްޒު އިޢުލާންކުރެއްވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެއީ ކިޔެވުމުގެ ފުރުޞަތު ނެތް، ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރުވާ ގޮތަށް ހިންގާ ނެޝަނަލް ސާވިސް ޕްރޮގްރާމެކެވެ.
ކޮމެންޓު ފޮނުވާ