ނަސްރުގެ ދުވަހަކީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކުރަންވީ ދުވަހެއް ކަމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ޣައްސާން މިހެން ވިދާޅުވީ 1988 ނޮވެމްބަރު 3 ގައި ހިނގި އުދުވާނީ ހަމަލާގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އެ ދުވަހު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރާއި ސްރީ ލަންކާގެ ތަމަޅައިގެން 80 ވަރަކަށް މީހުން މާލެ އަރައި ވެރިކަން ބަދަލުކޮށް، ރާއްޖެ ހިފަން މަސައްކަތްކުރިއެވެ. ޣައްސާންގެ ވާހަކަފުޅުގައި އެ ހަމަލާއިން ނަސްރު ހޯދުމުގައި ޝަހީދު ހުސައިން އާދަމް ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އަސްކަރިއްޔާ ގާބިލުކުރުމުގެ މަސައްކަތުގެ ދަށުން މި ސަރުކާރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ޣައްސާން ފާހަގަކުރެއްވިއެވެ. މިއަދަކީ ރައީސް މުއިއްޒު ގެނެސްދެއްވާފައިވާ ޒަމާނީ ވަސީލަތްތައް ގައުމުގެ ދިފާއުގައި އަތުރާލައި ވިލަރެސްކުރަންވީ ދުވަސްކަމުގައިވެސް ވިދާޅުވިއެވެ.
ގައުމަށް ވަފާތެރި، ދިވެހި ރައްޔިތުންނަށް އިޚުލާސްތެރި، އަމުރަށް ކިޔަމަންތެރި، ހަރަކާތްތެރިވުމުގައި ހުޝިޔާރު، ކެރޭ، ގާބިލު އަދި ދިވެހި މިނިވަންކަން ދިފާއުކުރުމަށް ތައްޔާރަށް އޮތް ލަޝްކަރެއް އޮތްކަން ދުނިޔެއަށް ދައްކަންވީ ދުވަސްކަމުގައި މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.
މިއަދަކީ ގައުމަށް ވަފާތެރި، ދިވެހި ރައްޔިތުންނަށް އިޚުލާސްތެރި، އަމުރަށް ކިޔަމަންތެރި، ހަރަކާތްތެރިވުމުގައި ހުޝިޔާރު، ކެރޭ، ގާބިލު އަދި ދިވެހި މިނިވަންކަން ދިފާއުކުރުމަށް ތައްޔާރަށް އޮތް ލަޝްކަރެއް އޮތްކަން ދުނިޔެއަށް ދައްކަންވީ ދުވަސް، މިއަދަކީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކުރަންވީ ދުވަސް.
ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ގައި ފާހަގަކުރާ ނަސްރުގެ ދުވަހަކީ، އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 ވަރަކަށް މީހުން ދިން ޓެރަރިސްޓް ހަމަލާއިން ދިވެހިންނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ދުވަހެކެވެ. ނަވާރަ ދިވެހިން ޝަހީދުވި އެ ހަމަލާގައި، ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިންގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން ދިވެހިންނަށް ނަސްރު ލިބުނެވެ.