"އޮޅުހިޔާ" އަށް ގެންދާ ބުޅަލުގެ ފުރަތަމަ ބެޗްގެ މިހަފްތާތެރޭ ގެންދަން ފަށާނެ

"އޮޅުހިޔާ" އަށް ގެންދާ ބުޅަލުގެ ފުރަތަމަ ބެޗްގެ މިހަފްތާތެރޭ ގެންދަން ފަށާނެ

Author
ހުސެއިން
03 ނޮވެމްބަރ 2024 09:22
0

"އޮޅުހިޔާ" އަށް ގެންދާ ފުރަތަމަ ބެޗްގެ ބުޅާތައް މިހަފްތާތެރޭ ނެގުމަށް ފަށާނެ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ 4000 އަށްވުރެ ގިނަ ބުޅާގެ ތެރެއިން އެކި ހާލަތްތަކުގައި ތިބި ބުޅާތައް ފާހަގަކުރެވޭ ކަމަށާއި، މިބުޅާތައް އެއްފަހަރާ ނެގުމަކީ ފަސޭހަ އަދި ރައްކާތެރިކަމެއް ނޫންކަމަށް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވިއެވެ.

ފެސިލިޓީއަށް ބުޅާތައް ގެންދިޔުމަށް ޚާއްޞަ ޕްލޭނެއް ހަދައި، ބެޗްތަކަށް ބަހާލައިގެން ބުޅާތައް ގެންދާނެ ކަމަށާއި، އެތަނަށް ގެންދެވޭ ބުޅާތަކުގެ ސިއްޙީ މައްސަލަތައް ދެނެގަނެ ފަރުވާދީ، ރަޖިސްޓްރީކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވެރިފަރާތެއް ނެތް ބުޅަލުގެ އާބާދީ ދަށްކުރުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެ ހުޅުވުނު މި ފެސިލިޓީގައި އެއްފަހަރާ 4000 ބުޅާ ބެލެހެއްޓޭނެ ކަމަށާއި، އެތަނުން އާންމުންގެ ޕެޓް ބުޅާތަކަށްވެސް ފަރުވާ ދެވޭނެއެވެ. ފެސިލިޓީ ޤާއިމުކުރުމުގެ މަޤްޞަދަކީ ހަމައެކަނި ބުޅާތަކަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުން ނޫންކަމަށާއި، ބުޅަލުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތްކުރުމާއި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުންވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފެސިލިޓީގެ މަސައްކަތް ރަނގަޅަށް ހިނގަން ފެށުމުން އާންމުންނަށް ބުޅާ އެޑޮޕްޓްކުރުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށާއި، ވިޔަފާރި އުސޫލުން ވިއްކުމަށް ރާއްޖެއިން ބޭރުން ބުޅާ ގެނައުން ވަގުތީގޮތުން މަޑުޖައްސާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި ހުރީ އެންމެ ދިވެހި ވެޓެއް ނަމަވެސް، މިދާއިރާއިން އިތުރު ދިވެހިން ކިޔަވަމުންދާ ކަމަށާއި މުސްތަޤްބަލުގައި މިފެސިލިޓީގައި މަސައްކަތްކުރާނީ މުޅިންވެސް ދިވެހިން ކަމަށް ވިދާޅުވިއެވެ.

މި ފެސިލިޓީގައި އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެނޫންވެސް ބަލި ދެނެގަތުމުގެ ޓެސްޓުތައް ހެދުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.