ބަންގްލަދޭޝްގެ ރައްޔިތަކު ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ހެދިކަމުގެ ހެއްކެއް ތަހުގީގުން ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ބުޅާ މަހުން ކާއެއްޗެހި ހެދިކަމުގެ ތުހުމަތުކޮށް މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ހައްޔަރު ކުރީ ބަންގްލަދޭޝް އަރަފާތު ހުސެއިން 32، އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރު ކުރި ކަމުގެ ހެކި ފެނިފައި ނުވާ ކަމަށެވެ. މި މައްސަލައިގައި އަރަފާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި، ގަރީނާ ލިބިފައި ނުވާތީ އެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގު ނިންމާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ އިމިގްރޭޝަނާ ހަވާލު ކުރުމުން އެމީހާ މިހާރު ޑީޕޯޓްކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އަރަފާތު ދިރިއުޅެމުންދިޔަ ތަނުގައި ހުރި ފްރިޖެއްގައި ހުރި މަހުގެ ބާވަތްތަކުން ސާމްޕަލް ނަގައި ތަހުލީލް ކުރަން ބޭރަށް ފޮނުވައިފައެވެ. އެކަމަކު އެ ސާމްޕަލްގެ ނަތީޖާ ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރެއެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށެވެ. އަދި ފަހުން އޭނާ ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ބުނާ މީހާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއެވެ. އެ ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް ކަމަށެވެ. ވީޑިއޯ ކުރި މީހާ ބުނި ގޮތުން އޭނާ އަކީ ބާގާ އާއި ސަބްމެރީން ފަދަ ކާބޯތަކެތި ހަދައިގެން ވިއްކަމުން އަންނަ މީހެކެވެ.
ބުޅާމަހުން ކާނާ ހެދިކަމުގެ ހެއްކެއް ނެތް ނަމަވެސް އަރަފާތަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅެމުން އައި މީހެކެވެ.