ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް ދެ އަހަރުދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މި 100 އެނދުގެ ހޮސްޕިޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު މަޝްރޫޢުއެކެވެ.
މިއަދު ސަރުކާރުން ވަނީ މި ހޮސްޕިޓަލުގެ ޓެންޑަރިން މަސައްކަތުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުއްޠަލިބް ކަމަށާއި، ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިން ކަމަށް ވެއެވެ.
ވަޒީރު މުއްޠަލިބް ވިދާޅުވި ގޮތުގައި ޓެންޑަރިން މަސައްކަތަށް ހަ މަސްދުވަސް ނަގާނެ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައެޅިގެންދާނެއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަކީ އުއްމީދު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2027 ވަނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގައި ތަރައްޤީކުރެވިގެންދާނެ ކަމަށާއި، ހިންގުމުގެ ކަންކަން ކުރިއަށްދާނީ އައިޖީއެމްއެޗްގެ ދަށުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.