މާލެ ސަރަހައްދާއި ގުޅީފަޅުގައިި ކަރަންޓުގެ ބިޔަ މަޝްރޫޢެއް ހިންގުމަަށް ޗައިނާގެ ޓީބީއީއޭ ގްރޫޕްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދާއި ގުޅީފަޅުގައިި ކަރަންޓުގެ ބިޔަ މަޝްރޫޢެއް ހިންގުމަަށް ޗައިނާގެ ޓީބީއީއޭ ގްރޫޕްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދުގެ ކަރަންޓުގެ ބިޔަ ނެޓްވޯކް އަކުން ގުޅާލުމާއެކު ގުޅީފަޅުގައި 150 މެގަވޮޓުގެ ޑުއަލް ފިއުލް އިންޖީނުގެ މަޝްރޫޢެއް ހިންގުމަށް ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެމްޑީ ހުސެއިން ފަހުމީ އާއި ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑުގެ ވައިސް ޕްރެސިޑެންޓް ސަންގް ހޮންގް ޒޮންގް މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.

ސޮއިކުރުމަށްފަހު ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި މި އެއްބަސްވުމާއެކު އަންނަ އަހަރުގެ ކުރީކޮޅު މަޝްރޫޢުގެ މަސައްކަތް ފެށިގެންދާނެއެވެ. 300 މިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ މި ސަރަހައްދުގެ ހަކަތަ އުފެއްދުމުގެ އިންފްރާސްޓްރަކްޗަރގައި މުހިންމު ބޮޑު މަސައްކަތަކަށް ވާނެ ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ހަދާ އިންޖީނުގެ ހުންނާނީ ތިލަފުށީގައެވެ. މިއީ ތެލާއި ގޭސް އަދި ބަޔޯ ފިއުލުން ވެސް ހިންގޭނެ ޑުއަލް ފިއުލް އިންޖީނުގެއެކެވެ. މީގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި އަގަށް އަންނަ ބަދަލާއެކު އެންމެ އަގުހެޔޮކޮށް ކަރަންޓު ދެވޭ ގޮތަށް ބަލައިގެން އިންޖީނު ހެދުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން 150 މެގަވޮޓުގެ ޑުއަލް ފިއުލް ޕަވަރ ޕްލާންޓެއް ޤާއިމުކޮށް، ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރެވޭނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ލޯޑާ އެއްވަރަށް ކެޕޭސިޓީ އުފެއްދުމަށް ވަނީ އެއްބަސްވެފައެވެ.

ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑަކީ ކުރިން ޓެބިއަން އިލެކްޓްރިކް އެޕަރޭޓަސްގެ ނަމުން މަޝްހޫރު، ޗައިނާގެ ކަރަންޓު ޓްރާންސްފޯމަރާއި އެހެނިހެން އިލެކްޓްރިކަލް އިކުއިޕްމަންޓު އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. 1938 ވަނަ އަހަރު އުފެދުނު މި ކުންފުންޏަކީ ޗައިނާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ބިޔަ ކުންފުންޏެކެވެ. އަދި ކަރަންޓުގެ ޚިދުމަތުގައި ޗައިނާގެ އެންމެ ވަރުގަދަ 10 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *