ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ފަށާފައިވާތީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން މަރުޙަބާ ކިޔައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ނިންމަވާފައެވެ. މިކަން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް އެޓަރނީ ޖެނެރަލް އޮފީހުން ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ރައީސް ޑރ. މުޢިއްޒު މިކަން އިޢުލާންކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރުކުރުމާއި ހިލޭ ބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، ވޭޕް ކުރުން މަނާކުރިކަން އިޢުލާނުކުރުމުން އެ ޖަމްޢިއްޔާއިން މަރުޙަބާ ކިޔާ ކަމަށެވެ. މިއީ ޚާއްޞަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕްކުރުން އިތުރުވަމުންދާ ކަންބޮޑުވާ ޓްރެންޑް ހުއްޓުވުމަށް މުހިންމު މަސައްކަތެއް ކަމަށްވެސް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޒުވާނުންގެ މެދުގައި މިފަދަ ބާވަތްތައް ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ހުރިހާ ވައްތަރަކީވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާ ކަމެއްކަން ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑުކަންވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ރާއްޖޭގައި ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ.