ރާއްޖޭގެ އެއަރޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތައް އިތުރުކުރުމަށް، ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގެމަނަފުށި ދާއިރާގެ މެންބަރު އަސްއަދުﷲ ޝިހާބެވެ. މި ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ މިއަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އިސްލާހުގެ ދަށުން، އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންނާއި، ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން، އަދި ފަސްޓް ކްލާހާއި ޕްރައިވެޓް ޖެޓުތަކުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާ ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް، އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން މިހާރު ނަގަމުންދާ 12 ޑޮލަރުގެ ފީއަށް ބަދަލެއް ނާންނާނެއެވެ.
މީގެ އިތުރުން، މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޓީޖީއެސްޓީއާއި ގްރީން ޓެކްސް ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. މި ބަދަލުތަކަކީ ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ބެލެވެއެވެ.
މި އިސްލާހުތަކުގެ ސަބަބުން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބަދަލުތަކެއް އަންނާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ކޮމެންޓު ފޮނުވާ