މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ރިފްގާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެއްކެއް ނެތް، ނަފްސާނީ ބައްޔަށް ފަރުވާ ހޯދި: ފުލުހުން

މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ރިފްގާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެއްކެއް ނެތް، ނަފްސާނީ ބައްޔަށް ފަރުވާ ހޯދި: ފުލުހުން

Author
ހުސައިން
13 އޮކްޓޯބަރ 2024 07:31
0

މާލޭގެ ނުވަ ބުރީގެ އިމާރާތަކުން މިދިޔަ އޮގަސްޓު މަހު ވެއްޓި މަރުވި ޒުވާން އަންހެންކުއްޖާ، ވިފާގް އިބްރާހިމް އަދުނާނުގެ މަރުގެ މައްސަލައާއި ގުޅުންހުރި އިތުރު ތަފްސީލުތަކެއް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުން އައި ކުއްޖެއް ކަމުގައެވެ. އޭނާއަށް ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕް ޑަޔަގްނޯސްކޮށްފައިވާ ކަމަށާއި، އިނގިރޭސިވިލާތުގައި ދިރިއުޅުނުއިރުވެސް ތެރަޕީ ސެޝަންތަކެއް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް، ވިފާގަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ތަހުގީގުން އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށާއި، އޭނާގެ ސިއްހީ ލިޔެކިޔުންތަކުންވެސް އެފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ވިފާގު މަރުވިއިރު އޭނާއަކީ ބިކުރުވެރިއެއްކަންވެސް ފުލުހުންނަށް ޔަގީންކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ވިފާގުގެ އާއިލާގެ ގިނަ މެންބަރުންނާއި، އޭނާ ދިރިއުޅުނު އިމާރާތުގެ ކޮންމެ އެޕާޓްމަންޓެއްގައި އުޅުނު މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ވިފާގުގެ ދޮންބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެވެސް ދިގު ބަޔާނެއް ނަގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް ވިފާގުގެ ދޮންބައްޕައަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާއާ ފުލުހުން ސުވާލުކޮށްފައިވާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޝިފާއު ވިދާޅުވީ ސީދާ އެ ސުވާލު ކުރިކަން ޔަގީންކޮށްފައި ނޫނީ ޖަވާބެއް ދޭން ދަތި ކަމަށެވެ.

ސީދާ ތި ސްޕެޝިފިކް ސުވާލު ކުރިކަން ޔަގީނެއް ނޫން. އަޅުގަނޑު ޖެހޭނީ ޔަގީންކޮށްލަން، ގައިމު ވެސް ދޮން ބައްޕައާ ސުވާލުކޮށް ބަޔާން ނަގާފައި ވާނެ. ވަރަށް ދިގު ބަޔާނެއް ދީފައި ވަނީ ވެސް.

އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.