ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމު 469 މުވައްޒަފުން ފުރިހަމަ ކޮށްފި

ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމު 469 މުވައްޒަފުން ފުރިހަމަ ކޮށްފި

Author
ހުސައިން
13 އޮކްޓޯބަރ 2024 08:18
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމުގެ ނުވަވަނަ ބެޗު ކާމިޔާބުކަމާއެކު ނިމިގެން ގޮސްފައިވާ ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި އެންމެ ފަހުގެ ބެޗުގައި ކުންފުނީގެ 51 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށާއި، މިއާއެކު މި ޕްރޮގްރާމު ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ ޖުމްލަ އަދަދު 469 އަށް އަރާފައިވާ ކަމަށް އެމްޑީ ފަހުމީ ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، ސިފައިންގެ ވެރިޔާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އަދި މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، މީގެ ސަބަބުން މުވައްޒަފުންނަށާއި ކުންފުންޏަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް މެނޭޖިންގ ޑިރެކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯއިން މުވައްޒަފުންގެ ހުނަރު އިތުރުކޮށް، އެމީހުންގެ ކުރިއެރުމަށް އަމާޒުކޮށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމަކީ އޭގެ ތެރެއިން އެއް މަސައްކަތް ކަމުގައި ބެލެވެއެވެ. މި ފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.