ފަތުވާ މަޖިލީހާއި އިސްލާމީ ޔުނިވަރސިޓީއާ ދެމެދު، ޢިލްމީ ދިރާސާ ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފަތުވާ މަޖިލީހާއި އިސްލާމީ ޔުނިވަރސިޓީއާ ދެމެދު، ޢިލްމީ ދިރާސާ ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

Author
ހުސައިން
12 އޮކްޓޯބަރ 2024 06:50
0

ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމިކު ޔުނިވަރސިޓީ (އައިޔޫއެމް) އާ ދެމެދު ޢިލްމީ ދިރާސާތަކާއި މަސައްކަތްތައް ކުރުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.

މި ރަސްމިއްޔާތު ބޭއްވުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ފަތުވާ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ އެ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.

މި ފަހުމުނާމާގެ ދަށުން، ދެ މުއައްސަސާ ގުޅިގެން ދިވެހި މުޖުތަމަޢަށް ދީނީގޮތުން އެންމެ މުހިންމު އަދި އެންމެ ބޮޑަށް އޮޅުންއަރާ ކަންކަމާއި ދާއިރާތައް ދެނެގަތުމަށް ޢިލްމީ ދިރާސާތައް ކުރާނެއެވެ. މީގެ އިތުރުން، ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، އަދި ޢިލްމީ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.

ދެ ފަރާތުން އެއްބާރުލުން ދޭނެ ދާއިރާތަކުގެ ތެރޭގައި ޢިލްމީ ދިރާސާތައް ކުރުމާއި، އެކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުން، ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުން، އަދި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ޙިމާޔަތްކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ، ދީނުގެ މެދުމިންވަރުގެ ސިޔާސަތު ދެމެހެއްޓުމާއި، މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޢިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، ޢިލްމީ ފޮތްތައް އެކުލަވާލުމާއި ތަރުޖަމާކުރުމުގައި އެހީތެރިވުމާއި، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ސެމިނާތައް އިންތިޒާމުކުރުމުގައި އެހީތެރިވުމާއި، އަދި މުޖުތަމަޢުގައި ދީނީ އަދި ޤައުމީ ލޯބި އުފެއްދުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދިވެހި މުޖުތަމަޢަށް ބޭނުންވާ އެކިއެކި ދީނީ އަދި ޢިލްމީ ދިރާސާތައް ކުރުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، އަދި ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ދިރާސާތަކާއި ޢިލްމީ މަސައްކަތްތައް ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.