2024 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި ތަންފީޒުކުރަން ފެށުނު އައު ކުންފުނީގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ދެ މުހިންމު ގަވާއިދު ބުރާސްފަތި ދުވަހު ގެޒެޓުކޮށްފިއެވެ.
މި ދެ ގަވާއިދަކީ ޕްރައިވެޓް ކުންފުނީގެ ގަވާއިދާއި ބޭރުގެ ކުންފުނި ރަޖިސްޓްރީ ކުރުމާ ގުޅޭ ގަވާއިދެވެ. ޕްރައިވެޓް ކުންފުނީގެ ގަވާއިދުގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓްރީ ކުރުމާއި، ހިންގުމާއި އަދި އުވާލުމާ ގުޅޭ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ކުންފުނީގެ ދުސްތޫރު، ސިއްކަ، ނަން، އެޑްރެސް، މެންބަރުންގެ އާންމު ޖަލްސާ، ޑިރެކްޓަރުންނާ ބެހޭ މައުލޫމާތު، ހިއްސާއާ ގުޅޭ ކަންކަން، މާލީ ހިސާބުތައް އަދި ކުންފުނި އުވާލުމުގެ އިޖުރާއަތުތައް ހިމެނެއެވެ.
ބޭރު ކުންފުނި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބޭރު ކުންފުނިތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހަރަކާތްތެރިވުމާއި، ރީ-ރަޖިސްޓްރީ ބާތިލުކުރުމާއި، ކުންފުނީގެ ރެކޯޑުތައް ބެލެހެއްޓުމާއި، އަހަރީ މާލީ ހިސާބުތައް ހުށަހެޅުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މި ގަވާއިދުތައް އެކުލަވާލައި ހިންގުމުގެ ޒިންމާ އޮތީ ރަޖިސްޓްރާގެ މައްޗަށެވެ.
ނަމަވެސް، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މި ގަވާއިދުތައް އެކުލަވާލައި އާންމުކުރަންޖެހޭ މުއްދަތު ކަމުގައިވާ 90 ދުވަސް މާޗު 31 ގައި ހަމަވެފައިވާއިރު، ގަވާއިދުތައް އެކުލަވާލާފައިވަނީ އޮކްޓޯބަރު 10 ގައެވެ.
މި ލަސްވުމާ ގުޅިގެން ބައެއް ޤާނޫނީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ގަވާއިދުތަކުގެ ސަބަބުން ކުންފުނިތަކާ ގުޅޭ އެންމެހައި ކަންކަން ހިންގުމުގައި އިތުރު ހަރުދަނާކަމެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ