ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕަބްލިކް ހެލްތު އެޗީވްމަންޓުގެ ދެ އެވޯޑެއް ދީފިއެވެ. މި އެވޯޑުތައް ދީފައިވަނީ އިއްޔެ އިންޑިއާގެ ނިއުދިއްލީގައި ފެށުނު ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައެވެ.
ރާއްޖެއަށް މި އެވޯޑުތައް ލިބިފައިވަނީ ކުޑަކުދިންގެ މެދުގައި ހެޕަޓައިޓިސް ބީ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމާއި، ފަސް އަހަރުން ދަށުގެ ކުދިން މަރުވާ ނިސްބަތް މަދުކުރެވިފައިވާތީއެވެ. ރާއްޖޭގެ އިތުރުން ކޮރެއާ، އިންޑޮނީޝިއާ، ސްރީލަންކާ އަދި ތައިލެންޑަށް ވެސް މި އެވޯޑު ދީފައިވެއެވެ. މި އެވޯޑުތަކަކީ ޤައުމުތަކުން ކުޑަކުދިންގެ ސިއްޙަތު ރަނގަޅުކުރުމަށާއި، ޖުމްލަ ގޮތެއްގައި އާންމު ސިއްޙަތުގެ ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ އެވޯޑުތަކެކެވެ.
Congratulations #Maldives for public health achievement awards for Hepatitis B control in children, and achieving SDG and global targets for reduction of under-5 mortality, neonatal mortality and stillbirth rates. 👏🏾 pic.twitter.com/ic36PW9ilk
— World Health Organization South-East Asia (@WHOSEARO) October 8, 2024

މިދިޔަ ޖެނުއަރީ 17 ގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއާއި ސްރީލަންކާގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައަޅާފައެވެ. ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މި ބައްދަލުވުންތަކުގައި ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެވޭނެއެވެ.
މި އެވޯޑުތައް ލިބުމުން ދޭހަވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީއެވެ.