ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ބައްދަލުކުރައްވާއިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ. މިއީ ގާތްގަނޑަކަށް ހަތް އަހަރެއްހާ ދުވަސް ފަހުން ރާއްޖެއާއި ޕާކިސްތާނުގެ ވެރިން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގެ ވެރިންނާއި ރާއްޖޭގެ ވެރިން ބައްދަލުކުރައްވާފައި ނުވާކަން ފާހަގަކުރެވެއެވެ. މިގޮތުން، ޝެހްބާޒް ޝަރީފްއާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވާފައި ނުވާ އިރު، އޭގެ ކުރިން ހުންނެވި ބޮޑުވަޒީރު އިމްރާން ޚާންއާވެސް ބައްދަލުވުމެއް ބޭއްވިފައެއް ނުވެއެވެ. ޕާކިސްތާނުގެ ވެރިއަކާ އެންމެ ފަހުން ބައްދަލުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ ޕާކިސްތާނުގެ މުޙައްމަދު ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. އެ ދަތުރުފުޅަށްފަހު ނަވާޒު ޝަރީފް އެނބުރި ގައުމަށް ވަޑައިގެންނެވިތަނާކަހަލަ ގޮތަކަށް ޕާކިސްތާންގެ ސަރުކާރު ވަނީ ބަދަލު ވެފައެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ޕާކިސްތާނުގެ އަށްވަނަ ކެއަރްޓޭކަރ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރްއާ ބައްދަލުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ