ތަރިކައިގެ ދާއިރާއަކީ އާމްދަނީ ލިބޭ ދާއިރާއަކަށް ހެދުމުގެ މަސައްކަތް ވަނީ ފެށިފަ: އާދަމް ނަސީރު

ތަރިކައިގެ ދާއިރާއަކީ އާމްދަނީ ލިބޭ ދާއިރާއަކަށް ހެދުމުގެ މަސައްކަތް ވަނީ ފެށިފަ: އާދަމް ނަސީރު

ދިވެހިރާއްޖޭގެ ސަރުކާރުން ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއަކީ އާމްދަނީ ލިބޭ ދާއިރާއަކަށް ހެދުމަށް އާ މަސައްކަތްތަކެއް ފަށައިފިކަން ބަހާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިން މި ދާއިރާއަކީ ހަމައެކަނި ހަރަދުތަކެއް ކުރެވޭ ދާއިރާއަކަށް ވީނަމަވެސް، މިހާރު އެކަން ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ބޭރު ގައުމުތަކުގެ ނަމޫނާ ބޭނުންކުރުން ހިމެނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ތަރިކައިގެ ވާހަކަތައް އާ އުސްލޫބަކުން ގެނެސްދިނުމަށްވެސް ރޭވިފައިވާކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ. މިކަންކަމުގެ މައިގަނޑު މަޤްޞަދަކީ ތަރިކަ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެދުމާއެކު، ތަރިކައިން ގައުމީ އާމްދަނީ ހޯދުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ގިނަ ޕްރޮޖެކްޓްތަކެއް ރޭވިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

އޭގެ ތެރޭގައި ނ. ލަންދޫ މާ ބަދިގެ ސަރަހައްދާއި ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމްތަކެއްގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން، އުތީމު ގަނޑުވަރުގެ ފުރާޅު މަރާމާތުކުރުމާއި، ތ. ކަނޑޫދޫ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުވަދޫ ސަރަހައްދީ ދާރުލް އާސާރުގެ ސްޓަޑީއެއް ހެދުމުގެ މަސައްކަތްވެސް ފެށިފައިވާކަން އާދަމް ނަސީރު ހާމަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *