ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ބަލައިގެންފި

ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ބަލައިގެންފި

Author
ހުސައިން
16 ސެޕްޓެމްބަރ 2024 11:32
0

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި، ދިވެހިރާއްޖޭގެ ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ބަލައިގަނެ، އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ޖަލްސާގައި ކުރިއަށް ގެންދިޔައީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވުނު ފުރަތަމަ ޖަލްސާގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސެވެ.

ބަހުސް ނިމުމުން ނެގުނު ވޯޓުގައި 77 މެންބަރުން ބިލު ބަލައިގަތުމަށް ތާއީދުކުރެއްވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ބިލު އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ. އޭގެފަހުން ޖަލްސާ ނިންމާލެވުނެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި، ކުންފުނީގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް މެންބަރުން އެދޭތާ 3 ދުވަހުގެ ތެރޭގައި ދަޢުވަތު ދީ، 10 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށް ހުށަހަޅާފައިވެއެވެ. މިހާރު ޤާނޫނުގައި އޮންނަނީ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރު ނެތްނަމަ، ރަޖިސްޓްރާއަށް އެކަން އެންގުމުން 10 ދުވަހުގެ ތެރޭގައި އެ މަޤާމުތަކަށް މީހުން އައްޔަނުކޮށް ރަޖިސްޓްރާއަށް އަންގަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބަހުސްގައި ބައިވެރިވި މެންބަރުން މި އިސްލާހުތަކަށް ތާއީދުކުރައްވައި، ސަރުކާރުން ކުންފުނިތަކުގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކަށް ތަޢުރީފުކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.