ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން، ރީޑިންގ ނެގުމަކާ ނުލައި ނުވަތަ ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަގީންކަން ދީފިއެވެ. ސްޓެލްކޯއިން ބުނެފައިވަނީ 75 އަހަރުގެ ތަޖުރިބާ ލިބިފައިވާ އެ ކުންފުނީގެ މުވައްޒަފުންނާއި ވެރިންގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަން ދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްފައެވެ. އެ ގޮތުން، ރީޑިންގ ނެގުމަކާ ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަށް ބިލް ނުފޮނުވާނެކަން ޔަގީން ކޮށްދީފައިވެއެވެ. އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެލުމަށް ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ފަރާތްތަކަށް ދަޢުވަތު އަރުވާފައިވެއެވެ.
ސްޓެލްކޯ އިން ފާހަގަކޮށްފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙާއި އަޚްލާގަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި މިއީ އެ ކުންފުނިން ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއްކަމުގައި ބުނެފައިވެއެވެ. ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ މަސައްކަތް 24 ގަޑިއިރު މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، މީޓަރު ރީޑިންގ ނެގުމާއި ބިލް ތައްޔާރުކުރުމާއި ފޮނުވުމުގެ މަސައްކަތް ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން ކުރިއަށްދާކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.
ސްޓެލްކޯ އިން ވަނީ މި އުސޫލުތަކާ ޚިލާފަށް އަމަލު ނުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ. އަދި މިއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަހުރި ކަމެއްކަމަށް ބުނެފައިވެއެވެ. ކުންފުނީގެ ތަޞައްވުރު ހުތުރު ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން އެ ކުންފުނިން ވަނީ ކުށްވެރިކޮށްފައެވެ.
ސްޓެލްކޯ އިން ވަނީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމަށާއި، އެހެން ކަސްޓަމަރުންނެކޭ އެއްފަދައިން އެ މުވައްޒަފުންނަށްވެސް ރީޑިންގ ނަގައި ބިލްކުރެވޭ ކަމަށް ބުނެފައިވެއެވެ.
ކަރަންޓުގެ މީޓަރަކީ ގޭގެ ވެރިފަރާތުގެ ބާރު ހިނގާ ސަރަހައްދެއްގައި ބެހެއްޓިފައިވާ އެއްޗަކަށް ވެފައި، މީޓަރަށް އަރާވަރާއި ބިލު ކުރެވޭ މިންވަރު އަޅާކިޔޭގޮތަށް އޮންނަ އެއްޗަކަށް ވުމާއެކު، ސްޓެލްކޯއާ ދެކޮޅަށް ފެތުރޭ މި ވާހަކަތަކަކީ ބަޔަކު ގަސްދުގައި ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަމަށް ވެސް ބުނެފައިވެއެވެ.