ރަސްފަންނު ކައިރީގައި ފުލުހުންގެ ޗެކްޕޮއިންޓެއް ޖަހާފައި އޮއްވައި މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތް ކުރަނިކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުނު މައްސަލައެއްގައި ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ މއ. ހިއްތަލަވިލާ، އާދަމް ޒިދާން 23، އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 01:20 ހާއިރު ރަސްފަންނު ކައިރިން ޒިދާން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހިފައިވާ ކަމަށެވެ.
އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން ވަނީ އޭނާ ދުއްވި ސައިކަލު ޓޯ ކޮށްފައެވެ.
ޒިދާން އަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނެކެވެ. އޭނާ އާންމުންނަށް ތައާރަފްވީ ޑާކްރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ބީވީމާ" ގައި ކުޅުނު ރޯލުންނެވެ.
ކޮމެންޓު ފޮނުވާ