ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވި ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސްގެ ތަޢުޒިޔާ މެސެޖުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޢަބްދުލްޢަޒީޒަކީ 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާ، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތްކުރައްވާ، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ، އަތޮޅުވެރިކަންވެސް ކުރައްވާފައިވާ، ޢަބްދުލްޢަޒީޒް ޢަބްދުﷲ… pic.twitter.com/qSKBCtSAeJ
— Dr Mohamed Muizzu (@MMuizzu) September 11, 2024
ޢަބްދުލްޢަޒީޒް ޢަބްދުﷲ ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ 1959 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ މަޙްކަމަތުލް އަޝްޣާލްގެ ވަގުތީ ކާތިބެއްގެ ވަޒީފާއެވެ. އޭގެ ފަހުން އެކި ވުޒާރާތަކުގައި ކާތިބުކަމުގެ މަޤާމުތައް އަދާކުރެއްވިއެވެ. 1969 ގައި ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒްގެ 1 ނަންބަރު ކާތިބުކަމަށް ބަދަލުވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރުގެ 1 ނަންބަރު ކާތިބުކަންވެސް ކުރެއްވިއެވެ. 1977 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީއެއްގެ މަޤާމަށް ބަދަލުކުރެއްވުނެވެ.
މީގެއިތުރުން، ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ ޏ. އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ. އަދި ސަރުކާރުގެ އެހެނިހެން ވުޒާރާތަކުގެ އެކި މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.