"ގެދޮރުވެރިޔާ" ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރެވޭ ފުރަތަމަ 4,000 ޔުނިޓުގެ ތެރެއިން އެންމެ ފަހުގެ ޔުނިޓުތައް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ފާއިތުވި މަހު، އެފްޑީސީން ބުނެފައިވަނީ ހައުސިންގ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ފްލެޓުތައް ހަވާލުކުރުން ވަނީ ހުއްޓާލާފައި ކަމަށެވެ.
ހޯމަ ދުވަހުގެ ރޭ އެސްއެސްޓީވީގެ "ބާރުހަތަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، 4,000 ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.
މި 4,000 ޔުނިޓު އިމާރާތްކުރެވެނީ 32 ޓަވަރުގައެވެ.
ހަމްދާން ވިދާޅުވި ގޮތުގައި، 24 ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތް ވަނީ ނިމިފައެވެ. އަދި ބާކީ އޮތް އަށް ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތް ނިންމުމަށް "އަވަސް މަސައްކަތްތަކެއް" ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"ހުރިހާ ޓަވަރެއްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ. ގިނަ ޓަވަރުތަކުގެ ފިނިޝިންގ މަސައްކަތްވެސް ނިމޭނެ. މަސައްކަތް ނިމުމާއެކު ޔުނިޓުތައް ހަވާލުކުރުމަށް ވަނީ ރޭވިފައި. އެންމެ ފަހު ޓަވަރު ހަވާލުކުރުމަށް ވަނީ ޖުލައި 25 ގައި ރޭވިފައި،" އޭނާ ވިދާޅުވިއެވެ.
"ގެދޮރުވެރިޔާ" މަޝްރޫޢުގެ ދަށުން ފްލެޓުތައް ހަވާލުކުރުން ލަސްވަމުންދާތީ ސަރުކާރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދެއެވެ. މިއީ ކުރީގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ.
މިކަމާ ގުޅިގެން މާލޭގައި ތަފާތު އިހުތިޖާޖުތައް ކުރެވިފައިވެއެވެ.
ހަމްދާން އެސްއެސްޓީވީއަށް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން މި ޔުނިޓުތަކުގައި ދިރިއުޅޭނެ މީހުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް މަޝްރޫޢުގެ ސްކޯޕުން އުނިކޮށްފައިވެއެވެ.
އޭނާ ވިދާޅުވީ، ދިރިއުޅުމުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި މަޝްރޫޢުގެ ސްކޯޕަށްވުރެ އިތުރަށް އެފްޑީސީން މަސައްކަތްކުރާނެ ކަމަށެވެ.
"ކުނިބުރި ގެންދިޔުމަށް ކޮންމެ ފަހަރަކު ލިފްޓުން ތިރިއަށް ދާން ނުޖެހޭ ގޮތަށް ކޮންމެ ފަންގިފިލާއެއްގައި ގާބޭޖް ޗިއުޓް ހަރުކޮށްފައިވާނެ. އެކަމަކު މިއީ އަސްލު މަޝްރޫޢުގެ ސްކޯޕުގައި ހިމެނިފައިވާ ކަމެއް ނޫން. އެތަނުގައި ދިރިއުޅޭނެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ކަށަވަރުކުރުމަށް މި ވަސީލަތްތައް ހުރުމަކީ މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.
ފާއިތުވި އޭޕްރީލް މަހު، ހަމްދާން ވިދާޅުވެފައިވަނީ ފްލެޓުތައް ނިންމުމަށް އެފްޑީސީއަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
އަންގާރަ ދުވަހު، ހަމްދާން ވިދާޅުވީ އިތުރު ފައިސާ ހޯދުމަށް އެފްޑީސީން ގަދައަޅައި މަސައްކަތްކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، "ބޭރުގެ ދެތިން ފަރާތަކާއެކު" މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މި ހަފުތާގެ ތެރޭގައި ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ