ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު، ސަސްޕެންޝަންގައި ތިބޭތާ އަށް މަސް ފަހުން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ދެ ބޭފުޅުން ސަސްޕެންޑުކުރެވުނީ އިންޑިއާއަށް ބަދުބަސް ރައްދުކޮށް އެކްސްގައި ޕޯސްޓްކުރި މައްސަލައެއްގައި 2024 ޖެނުއަރީ 7 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ޝިއުނާ އާއި މަލްޝާގެ އިތުރުން ޔޫތު މިނިސްޓްރީގެ އަނެއް ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމު މާޖިދު ވެސް ސަސްޕެންޑުކުރެވުނެވެ.
ޝިއުނާ އާއި މަލްޝާ ވަނީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިންކަން 'ދައުރު’އަށް ކަށަވަރުކޮށްދެއްވާފައެވެ. އިސްތިއުފާ ދިން ސަބަބާ ގުޅޭގޮތުން ޝިއުނާ ވިދާޅުވެފައިވަނީ "އަމިއްލަ ސަބަބުތަކާ ހުރެ މަގާމުގައި ހުރެވެން ނެތުމުން" އެކަން ކުރަން ޖެހުނު ކަމަށެވެ. މަލްޝާ ވެސް ވިދާޅުވެފައިވަނީ އަމިއްލަ ސަބަބުތަކާ ހުރެ މަގާމުން އިސްތިއުފާ ދެއްވި ކަމަށެވެ.
މި މައްސަލަ ފެށުނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން އެކްސްގައި އާންމުކުރެއްވި ފޮޓޯތަކާއި ވީޑިއޯތަކާ ގުޅިގެންނެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި އުފެދުނު އޮއިވަރުގައި ޝިއުނާ، މަލްޝާ އަދި މަހުޒޫމް ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ވަރަށް ހުތުރު ޕޯސްޓްތަކެއް ކުރައްވާފައެވެ. ނަމަވެސް ފަހުން އެ ބޭފުޅުން ވަނީ އެ ޕޯސްޓްތައް ފޮހެލާފައެވެ.