މިއަދު މެންދުރުފަހު މާލޭގެ ހ. ދޫހިމެނރިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި އިމާރާތުގެ ތިރީ ފަންގިފިލާގައި ހިންގަމުން ދިޔައީ ކެފޭއެކެވެ. ފުރަތަމަ އަލިފާން ރޯވިކަމަށް ބެލެވެނީ ދެވަނަ ފަންގިފިލާގައި ހުރި ބަދިގޭގައެވެ.
އަލިފާން ރޯވިތާ ގަޑިއެއްހާއިރުގެ ތެރޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް ނިއްވައިލިއިރު އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. ދެވަނަ ފަންގިފިލާ ހަދާފައިވަނީ ޓިނުން ކަމުން އެތަނުގައި ހުރި ބައެއް ޓިނުތައް ވަނީ ބުރުއްސައިގެން ގޮސްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ދުމުގެ ސަބަބުން ބިދޭސީ ފިރިހެނަކަށާއި އަންހެނަކަށް ނޭވާ ލާން އުނދަގޫވެގެން އައިޖީއެމްއެޗަށް ފަރުވާ ދޭން ގެންދިޔައެވެ.
މީގެ އިތުރުން، ލިބިދާނެ ގެއްލުމަކަށް ރޯވި އިމާރާތާ ކައިރީގައި ދިރިއުޅޭ މީހުން ވަގުތީ ގޮތުން ސަލާމަތީ ހިސާބުތަކަށް ބަދަލު ކުރިއެވެ. އަލިފާންގަނޑު މުޅިން ނިއްވާލުމަށްފަހު، އެ މީހުން އަނބުރާ ގެތަކަށް ވަންނަން ހުއްދަ ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ