އުތުރު ތިލަފަޅުގައި ތަރައްޤީކުރާ 200 ހެކްޓަރުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
މިއީ އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް މައްސަލައެއްގެ ހައްލާއި ގުޅިފައިވާ އުއްމީދީ މަޝްރޫޢެކެވެ. ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކޮށް ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މެގަ މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ.
މިމަޝްރޫޢާއެކު ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކުރެވި އެކަމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ކާނާގެ ޔަގީންކަން ކަށަވަރުކުރެވި ސިއްޙީގޮތުން ޔަގީންކަން އޮތް ކާނާގެ ބާވަތްތައް ލިބޭނެ މަގުފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
މިމަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ މަޝްރޫޢު އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ނިމި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޓައިމްލައިނެއްވެސް އެކުލަވާލާފައިވާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ މިއީ ސަރުކާރުގެ އެންމެ އުއްމީދީ އެއް މަޝްރޫޢުކަމަށެވެ.
މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަށްޓަކައި 200 ހެކްޓަރުގެ ބިން ދޫކުރާގޮތަށް ހަމަޖެހިފައިވާއިރު، ދެފޭސްއަކަށް ކުރިއަށްގެންދާ 100 ހެކްޓަރުގެ ފުރަތަމަ ފޭސްގައި ކުރާނީ މުޅިންވެސް ގްރީންހައުސްތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަނެއް 100 ހެކްޓަރުގައި މައިގަނޑުގޮތެއްގައި ހައްދާނީ ބިމަށް ފައިބާގޮތަށް ހުންނަ ބާވަތްތަކާއި، ރާއްޖެއަށް އާއްމުކޮށް އެތެރެކުރާ ބާވަތްތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގްރިކަލްޗަރ ޒޯނުގެ ފުރަތަމަ ފިޔަވަހީގައި ގްރީން ހައުސްތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ގްރީން ހައުސްގައި ހެއްދޭ ބާވަތްތައްކަމަށް ވަޒީރު ޑރ.ޢާއިޝަތު ރަމީލާ ވިދާޅުވިއެވެ. ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބިމު އަޑިއަށް ފައިބާ ބާވަތްތަކުގެ ތެރެއިން ފިޔާ، އަލުވި ފަދަ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނޭ ބާވަތްތައްކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު ދެވަނަ ފިޔަވަހީގައި ކުކުޅު އާލާކޮށް ރާއްޖެއަށް ކުކުޅު ބިސް އެތެރެކުރުން އެއްކޮށް ހުއްޓާލެވޭނެ ފެންވަރުގެ ޕޯލްޓްރީ ފާމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު އަގުހެޔޮކޮށް ރަނގަޅު ކޮލިޓީގެ ކާނާ ރާއްޖޭގައި ލިބޭނެ މަގު ފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޗައިނާގެ ކުންފުންޏަކާއި ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢު ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ފުރަތަމަ ކުރާނީ އެކުންފުނިންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އެގޮތުން މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްކުރުމަށް ޗައިނާގެ ކަމާ ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވާފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ